Manje - Vaahaka


"ދީދީ މިދަނީ ކަށިފޮއްޗާ ބޮލާ ހިފައިގެން. "އެއަޑު އިވުމުން ތައްހާނަށް ތެޅިގަނެވުނެވެ. އޭނާ އަގައިން ނުބުނެ އިރުކޮޅަކު އިނެވެ.
"އެއީ ކޮންއަޑެއް......؟" ސިއްރު ސިއްރުން ތައްހާން އަހާލިއެވެ.
"އެއަޑު ތައްހާނަށްވެސް އިވުނެންނު."
"އެހެންވީމައެއްނު މިއަހަނީ........ އެއިވުނީ އާދައިގެ އަޑެއްނޫން..... އެއަޑުގަ ކޮންމެވެސް އެހެން ގޮތެއް އެބަހުރި........."
"ތީ ހީވިގޮތް."
"ވެދާނެ......... އަކަމަކު އެބުނީ ކޮން ކަށިފޮއްޗާ ބޮލެއްގެ ވާހަކައެއް........؟
"އެއީ މިއަދު ގެނައި މަހުގެ ކަށިފޮއްޗާ ބޮލުގެ ވާހަކަ.......؟"
"ކާކު އެހެން އެގޮވާލީ.........."
"އެއީ މިގޭގަ އުޅޭ މަންޖެއޭ...... ކިތައްފަހަރު ބުނެފިންތަ؟"
"ކޮން މަންޖެއެއްހޭ........ ކިތައްފަހަރު އަހައިފިންތަ........؟"
"އެއީ މިގޭގަ މަށަށް އެހީވެދީ ހަދާ މަންޖެއެއް....."
"ކީއްކުރާ ކަށިފޮއްޗެއް..... ކީއްކުރާ ބޮލެއް........."
"އެއީ އޭނަގެ މީހުންނަށް ކާންދޭން...... މިގޭ ބަދިގޭގަ މިވަގުތު ކަންތައް ނިންމާލާފަ އެދިޔައީ......."
"އެއީ ކާކުތަ؟ ބުނެބަލަ........."
"ކިހާދެރަކަމެއް...... ތިހާވަރުން އޮޅުންފިލުވަން އުޅެންޏާ މިރޭ އެމަންޖެ ތިގެއަށް ފޮނުވަފާނަން." ހަސަންދީ އުނދޯލިން ތެދުވަމުން ބުންޏެވެ.
"އުހުނ...... އަހަރުމެން ގެއަށް ނުފޮނުވާތި........ އަހަރެން ބޭނުމެއް ނޫން ދެކޭކަށް........ ތައްހާން އަވަސް އަވަހަށް ތެދުވަމުން ބުންޏެވެ.
އޭނާ އެތަނުގައި އިންދާ ހަސަންދީ ހިނގައިދާނެތީ އޭނާ ބިރުގަތެވެ.
ތައްހާން އެގެއިން ނުކުމެގެން ދާން ހިނގައިގަތެވެ. އޭރުވެސް އޭނާހުރީ ބިރުންނެވެ. ހަސަން ދީދީމެންގެ ގެވެސް ހުންނަނީ މާލޭގެ އެހެން ގޭގެއާ ޚިލާފަށެވެ. އެގޭތެރެއިން ރޭގަނޑު ފާޑުފާޑު އަޑު އިވޭ ވާހަކަ މީހުން ދައްކާވެސް އުޅެއެވެ. އެކަމަކު ކުރިއަކުން ތައްހާން ޤަބޫލެއް ނުކުރެއެވެ.
މިރޭ އޭނާއަށްވެސް ޝައްކުވެއްޖެއެވެ. އަނެއްކާ އޭނާއަށް އެބޮވުނީ ކޮންކަހަލ ފަނިތައްޓެއްބާއެވެ؟ އެބޮވުނީތީވެސް އޭނާހުރީ ބިރުންނެވެ.